އިމުތިހާނުކުރުމުގެ ގޮތްތައް
އިމުތިހާނުކުރުމުގެ
ގޮތްތައް މައިގަޑުގޮތެއްގައި 3 ބައަކަށް
ބަހާލެވިދާނެއެވެ. އެއީ:
1-
ޑައިގްނޯސްޓިކް: އިމްތިހާނުކުރުމުގެ ބޭނުމަކީ އޭރަކު އެގިފައި ހުރީ
ކިހާވަރަކަށްތޯ ބަލާ ވަކިގޮތްތަކެއް ނިންމުމަށެވެ. މިގޮތުން މިބާވަތުގެ
އިމުތިހާނުކުރުމުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ޙާޞިލުވެފައިވޭތޯ ބެލުމަށްވުރެ
ބޮޑަށް ސަމާލުކަންދޭނީ އެގިފައި ހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް އުގަންނާދިނުން
ނުވަތަ އިތުރަށް ގެނެވިދާނެ ބަދަލުތަކަކަށެވެ. މިބާވަތުގެ ޓެސްޓުތައް ޢާއްމުކޮށް
ކުރެވެނީ ކޯހެއް ފަށާއިރު ނުވަތަ ޓާރމެއް ފަށާއިރު އެވެ. މިގޮތުން ލިބޭ ނަތީޖާގެ
އަލީގައި ކޯހުގެ ފެންވަރު މަތިކޮށް ދަށްކުރުން ކަނޑައެޅޭ ތަން އާދެއެވެ.
މިބާވަތުގެ އިމުތިހާނުތަކަށް އާއްމުކޮށް ބޭނުންޖެހެނީ މިސާލަކަށް ކޯހަކަށް
ކުރިމަތިލާއިރު ތަފާތު ފެންވަރުގެ ކުދިންނާއި ތަފާތު އިޖިތިމާޢީ ދަރަޖަތަކުންނާއި
އެކިއެކި ތަޖުރިބާތަކުން ބައިވެރިވެފައި ތިބޭ ކުދިންނަށްވާހިނދު
އުގަންނާދިނުމުގައި ގޮތްތަކެއް ކަނޑައަޅާ ސަމާލުވާންވީ ފިޔަވަޅުތައް ރޭވުމަށެވެ.
މިބާވަތުގެ އިމުތިހާނުތަކުން ލިބިދޭ މަޢުލޫމާތުގެ އަލީގައި ދަރިވަރުންނާއި އެންމެ
ގުޅޭ އެކަށީގެންވާ ފެންވަރަކީ ކޮބާތޯ ބަލާލެވި އިތުރަށް ރަގަޅުކުރުމަށް
އެހީތެރިވެދެވޭނެއެވެ.
2- ފޯރމެޓިވް: މިބާވަތުގެ
އިމްތިހާނުކުރުމުގެ ބޭނުމަކީ ދަރިވަރުން އެހީތެރިކަން އިތުރަށް ފޯރުކޮށްދޭންވީ
ކޮންބައިތަކަކަށް ބަލާ ހެދުމަށާއި ކުރެވިފައިވާހުރި ތަޖުރިބާތަކާއި ލިބިފައި
ހުރިހާ މަޢުލޫމާތުގެ އަލީގައި ކުރިއަށްއޮތްތާގައި ކިޔަވާދިނުމުގައި ހިމަނަންވީ
އިތުރުކަންކަން ދެނެގަނެ ބައްޓަންކުރުމަށެވެ.
3-
ސަމޭޓިވް: މިބާވަތުގެ އިމްތިހާނު ކުރެވެނީ ސެމެސްޓާރއެއް ނުވަތަ
އަހަރެއް ނިމޭހިނދު ޙާޞިލުވާމިންވަރު ބަލާށެވެ. ނުވަތަ އެހެންގޮތަކުން ބުނާނަމަ
ކަނޑައެޅި އޮބްޖެކްޓިވްތައް ޙާޞިލުވިތޯ ބަލާށެވެ. އަހަރު ފެށޭއިރު ވަރަށް
ގިނަފަހަރަށް ދަރިވަރުންގެ އުގެނުމާއި އުގަންނާދިނުމުގެ ކަންކަން އޮންނަނީ
މައިގަޑު މަޤްޞަދުތަކާއި ހޯދަންބޭނުންވާ
އަމާޒުތަކެއް ކަނޑައެޅިފައެވެ. އެކަންކަން ޙާޞިލުވިތޯ ބެލުމަށްޓަކައި މިބާވަތުގެ
އިމުތިހާނު ކުރެވެއެވެ. މިބާވަތުގެ އިމުތިހާނުން އުގެނުމާއި އުގަންނާދިނުން
އިތުރަށް ފުރިހަމަކޮށްރާވާ ކަންކަން ހަމަޖައްސާ ދަރިވަރުންނަށް އިތުރަށް
ބައިތަކެއް އޮޅުންފިލުވާދިނުމަށް ފުރުޞަތުތަކެއް ފަހިކޮށް ނުދެއެވެ.
އިމްތިހާނު ކުރެވޭގޮތް ކުދިންގެ އުގެނުމާއި
ގުޅިގެންދިއުން
އިމްތިހާނުކުރެވޭ ގޮތުން ދަރިވަރުގެ އުގެނުމަށާއި
ޝައުޤުވެރިކަމަށް ބާރުފޯރުވައެވެ.
ގުރާންޓް ވިގިންސް (1986) ހާމަކުރާގޮތުގައި 'އެޑުޔުކޭޓިވް އެސެސްމަންޓް'
މާނަކުރެވެނީ އިމުތިހާނެއް ރާވާ ޑިޒައިންކުރުމުގައި ހަމަޖެއްސިދާނެ
ތަފާތުގޮތްތަކާއި ބެލިދާނެ އުޞޫލުތަކާއި ގެނެވިދާނެ ބަދަލުތައް ދެނެގަތުމަށެވެ.
އޭނާފާހަގަކުރާގޮތުގައި ނަތީޖާ ހާމަވާގޮތުން ދަރިވަރުގެ އުގެނުމަށާއި
ޝައުޤުވެރިކަމަށް އަސަރުކުރުވައެވެ. މިގޮތުން ފާހަގަކުރާގޮތުގައި އިމުތިހާނު
ކުރުންވާންޖެހޭނީ އޯތެންޓިކް (އަސްލު ބަލަން) ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.
މާނައަކީ ޢަދަދުތަކެއް ހޯދުމަށްވުރެ އެގިފައިވަނީ އަސްލު ކިހާވަރަކަށްތޯ
ބެލުމަށެވެ. އެއްވެސްހާލެއްގައި އިމުތިހާނުގެ ކުޑައިރުކޮޅެއްގެ ކުރިން
ދަސްކޮށްފައިވާ ބައިތަކެއް ދަސްވެފައިވާ މިންވަރު ދެނެގަތުމަކަށް ނޫނެވެ.
މިހެންކަމުން އިމުތިހާނެއް ނިމޭއިރު ރަގަޅަށް ހެދިކަމުގައި ވިޔަސް ކުއްޖާއަށް އަދި
މުޅިއެކު އެމަޢުލޫމާތު އެގެންވާވަރަށް އެގުނީ ކަމަށް ނުބެލި ހިނގައިދާނެއެވެ.
އިމްތިހާނުކުރުމުގައި (އެރާރ) އެކުލެވިދާނެއެވެ.
މުދައްރިސުންނާއި އިދާރީ
މަސައްކަތްތަކުގެ ދފާހަގަކުރެއްވި އިރު މިސާލަކަށް އިމުތިހާނު ކުރެވުނު ގޮތަކީ
ރިލައިބަލް(ބަރޯސާ) ވެވިދާނެ ނަތީޖާއެއްތޯ ދެނެގަންނާން ޖެހޭނެއެވެ. ވަރަށް
ގިނަފަހަރަށް އިމުތިހާނުކުރެވޭ ގޮތަކީ އެކީ އެކައްޗަކަށް ދެނެގަނެވިފައިވާ
މިންވަރު ބެލުމަށް ކުރެވިފައިވާ މަސައްކަތެއް ނަމަވެސް އެމަސައްކަތް
އެހެންގޮތަކަށް ކޮށްފިނަމަ އެނަތީޖާ ބަދަލުވުމުގެ ޖާގަ އޮވެގެން ނުވާނެއެވެ.
އިމްތިހާނު ކުރެވޭގޮތް ރަގަޅުނަމަ އިރުޝާދުދެވޭގޮތް
ރަގަޅުވެ ކިޔަވާދެވޭ ގޮތް އިތުރަށް ފުރިހަމަ ކުރެވޭނެއެވެ.
ދަރިވަރުންގެ އުގެނުމަށާއި ޝައުޤުވެރިކަމަށް އަސަރުތަކެއް
ކުރުވާއިރު އެކަމަކީ އުގެނުން އޯޑިޓް ކުރެވޭގޮތަށްވެސް ވާން ޖެހޭނެއެވެ (ޝެޕާރޑް،
2000). އިމުތިހާނު ކުރަނީ އުގަންނާދިނުން ރަގަޅުކުރަންނަމަ، އެހޯދުނު މަޢުލޫމާތު
ތަކުގެ އަލީގައި ރޭވިދާނެ އެކްޓިވިޓީތަކާއި އިރުޝާދު ދޭއިރު ގެންގުޅެވިދާނެ
ގޮތްތައް ކަނޑައެޅުމަށް އެހީތެރިވެދޭނެއެވެ.
އިމްތިހާނު ރަގަޅަށް ކުރެވިއްޖެނަމަ އެހެން ގޮތަކަށް
އެއިމުތިހާނު ދިންނަމަވެސް ބަދަލަކަށް ނާދެވެއެވެ.
އިމްތިހާނު ކުރެވޭގޮތަށް
ބަލާއިރު އެނަތީޖާއަކީ ކޮންމެ ތަނެއްގައި ކޮންމެ އެފެންވަރުގެ ކޮންމެ ބައަކަށް
ދިންނަމަވެސް ދާދި އެއްކަހަލަ ނަތީޖާތަކެއް ހާމަވުމުގެ ފުރުޞަތު ބޮޑުވި ވަރަކަށް
އިމުތިހާނުގެ އަގު އިތުރުވެގެން ދެއެވެ. އަދި އެނަތީޖާގެ މައްޗަށް ޖަމާޢަތެއްގެ
ފެންވަރު ކަނޑައެޅުމުގައި ބަރޯސާވުމުގެ ފުރުޞަތު ބޮޑުވެއެވެ.
1956 ގައި ބެންޖާމިން ބްލޫމް
ފާހަގަކުރާ ގޮތުގައި ދަރިވަރުންނަށް ދެވޭ އިމްތިޙާންތަކުގެ %95
އަމާޒުކުރެވިފައިވަނީ ހަމައެކަނި ދަށު ދަރަޖަ ތަކުގެ ވިސްނުމާއި މަޢުލޫމާތު
ހަނދާން ކުރުމުގެ ބަޔަށެވެ. މިހެންކަމުން، ބްލޫމް ތިއަރީގައި ތަފާތު 6 ދަރަޖައެއް
ކަނޑައަޅާ އިމްތިހާނުގައި އެ ދަރަޖަތައް ބޭނުންކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައި
ވެއެވެ. އެ ދަރަޖަތަކަކީ މަޢުލޫމާތާއި ދޭހަ އާއި ބޭނުންކުރުމާއި ދިރާސާކުރުމާއި
އުފެސްދުމާއި ވަޒަންކުރުމެވެ. މިގޮތުން، ތަޢުލީމު ދެވޭ ބައިތައް މައިގަނޑު
ގޮތެއްގައި ތިން ބަޔަކަށް ބަހާލެވެއެވެ. އެއީ، މަޢުލޫމާތު، ހުނަރު އަދި ސިފައެވެ.
No comments:
Post a Comment